މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނަ އުސޫލުގެ ދަށުން، މިއަދު 54 މަސްދޯންޏަކަށް 2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ޖަމާކޮށްފައިވަނީ މެއި މަހުގެ 10 ވަނަ ދުވަހު ކިރުވި މަހަށް ދައްކަންޖެހޭ 2,030,147ރ. (ދެ މިލިއަން ތިރީސް ހާސް އެއްސަތޭކަ ސާޅީސް ހަތް ރުފިޔާ) އެވެ.
މީގެ ތެރެއިން އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވި 32 ދޯންޏަކަށް ދޫކުރި 1,998,872 ރުފިޔާއެވެ.
މީގެ އިތުރުން، ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށްވެސް މިއަދު ވަނީ ފައިސާ ޖަމާކޮށްދީފައެވެ. އެގޮތުން 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 8 ދޯންޏަކަށް 30,175 ރުފިޔާ އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި އެއް ދޯންޏަކަށް 1,100 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން މިހާރު ބޮޑުކަންނެލި ގަންނަމުންދަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 250 މިލިއަނެއްހާ ރުފިޔާ މިހާރު ވަނީ ދައްކާ ހަލާސްކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް، މިހާރު މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
މި ބަދަލާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބި، މަސް ކިރުވާ މިންވަރާއި ބޭރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ސަރުކާރުން ވަނީ މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކޮށްދީފައެވެ.



