ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ދެމީހަކު ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށާއި، މި ގާނޫނުގެ 115 ވަނަ މާއްދާގެ (ހ) ގެ ދަށުން ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) ގެ މައްޗަށެވެ.
މި ދެކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، 115 ވަނަ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު އިބްރާހީމް 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އަޙްމަދު އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފައެވެ. މި ހުކުމް އިއްވާފައި ވަނީ 2026 މެއި 12 ވަނަ ދުވަހުއެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި، މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ 2024 މެއި 7 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2024 ޖޫން 30 ވަނަ ދުވަހުއެވެ.
އޭގެ އިތުރުން، ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ / ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން، މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ (ނ) ގެ ދަށުން ޙުސައިން އިބްރާހީމް 25 އަހަރު ދުވަހުގެ މުއްދަަތަށް ޖަލަށްލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ހުސައިން އިބްރާހީމް ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަސް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފައެވެ. މި ހުކުމް އިއްވާފައި ވަނީ 2026 މެއި 12 ވަނަ ދުވަހުއެވެ.
މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ޙުސައިން އިބްރާހީމް ހައްޔަރުކުރީ 2022 އެޕްރީލް 11 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 މެއި 10 ވަނަ ދުވަހުއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.




