ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގުޅިގެން ބާއްވާ ’ކޮލެބް 26 ހެކަތަން‘ ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ހެކަތަންގެ މައިގަނޑު މަޤްސަދަކީ މެންޓަރުންގެ އެހީތެރިކަމާއެކު، ޑިޖިޓަލް ޚިޔާލުތައް އަމަލީ މަސައްކަތްތަކަކަށް ބަދަލުކޮށް، ބޭނުންތެރި ޕްރޮޓޯޓައިޕްތަކެއް އުފެއްދުމެވެ.
ބީއެމްއެލުން ބުނިގޮތުގައި، މި ހެކަތަން ކުރިއަށްދާނީ ދެ މުއައްސަސާ ގުޅިގެން އަލަށް އުފެއްދި ’ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރު’ގެ ދަށުންނެވެ. އަދި މިއީ ’ކޮލެބް 26‘ ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހެކަތަންގައި ބައިވެރިން މަސައްކަތް ކުރާނީ މައިގަނޑު ދެ ދާއިރާއަކަށް (ޓްރެކް) ބަހާލައިގެންނެވެ.
ފުރަތަމަ ޓްރެކް ޚާއްސަކޮށްފައިވަނީ ސަރުކާރުގެ މަސައްކަތްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމަށެވެ. މީގެ ދަށުން ތައުލީމީ، ސިއްހީ، އިޖުތިމާއީ ރައްކާތެރިކަން، ދައުލަތުގެ މާލިއްޔާތު، ތިމާވެށި އަދި ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިވާ ގޮންޖެހުންތަކަށް އޭއައި މެދުވެރިކޮށް ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެއެވެ. އަމާޒަކީ ޚިދުމަތްތައް އަވަސްކުރުމާއި ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ ވަސީލަތްތައް އުފެއްދުމެވެ.
ދެވަނަ ޓްރެކް ޚާއްސަވަނީ ’ސްވައިޕް އޭޕީއައި‘ މެދުވެރިކޮށް ފިންޓެކް އީޖާދުތައް އުފެއްދުމަށެވެ. މި ދާއިރާގައި ބައިވެރިންނަށް ބީއެމްއެލްގެ ސްވައިޕް އޭޕީއައި ބޭނުންކޮށްގެން އައު ޖީލުގެ މާލީ އެޕްލިކޭޝަންތައް ފަރުމާކުރުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ބޭނުމަކީ ޑިޖިޓަލް ޕޭމަންޓްތައް އަވަސްކޮށް، މާލީ ޚިދުމަތްތައް އެންމެންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
މި މަޝްރޫއަކީ ’މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން‘ އެޖެންޑާގެ ދަށުން ކުރިއަށްގެންދާ ޤައުމީ ފެންވަރުގެ މަސައްކަތެކެވެ. މިއީ މައިންޑްކޯއާއި ބީއެމްއެލްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އުފެއްދި ނޭޝަނަލް އޭއައި އެންޑް ޑޭޓާ ކޮމްޕިޓެންސީ ސެންޓަރުގެ މައިގަނޑު އެއް ހަރަކާތް ކަމަށްވެސް ބޭންކުން ފާހަގަކުރެއެވެ.
ރާއްޖޭގެ ޑިޖިޓަލް މުސްތަޤުބަލު ބައްޓަން ކުރުމަށް ޝައުޤުވެރިވާ ޑިވެލޮޕަރުން، ޑޭޓާ ސައިންޓިސްޓުން، ދަރިވަރުން އަދި ވިޔަފާރިވެރިންނަށް ’ކޮލެބް 26’ގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.
ރަޖިސްޓްރީވާ ފަރާތްތަކަށް ހެކަތަންގެ އިތުރު ތަފްސީލާއި މެންޓަރުންގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.


