މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދާ މީހުން ފުރާ ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓްރެފިކް ބާރު ބޮޑުވާނެތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލް އިން މިއަދު އާންމުކުރި ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ، ހައްޖުގެ އަޅުކަމަށް ދާ ދިވެހިން ފުރާނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު ކަމަށެވެ.
އެ ދުވަސްތަކަކީ ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ޖަމާވާނެ ދުވަސްތަކަކަށް ވާތީ، ދަތުރުވެރިންނާއި އެއާޕޯޓް ބޭނުންކުރާ ފަރާތްތަކުން އެކަމަށް ދުރާލާ ތައްޔާރުވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ހައްޖާޖީން ފުރާ ވަގުތުތަކަކީ އެއާޕޯޓުގެ ޕާކިން ސަރަހައްދަށް ވެސް ބާރުބޮޑުވާނެ ވަގުތުތަކެއް ކަމަށް އެމްއޭސީއެލް އިން ލަފާކުރެއެވެ.
އެހެންކަމުން، އެއާޕޯޓަށް ދިއުމަށް އަމިއްލަ އުޅަނދުތަކުގެ ބަދަލުގައި ބަސް ނުވަތަ ފެރީ ފަދަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ހިޔާރުކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.




