އައްޑޫ ސިޓީގައި ޤާއިމްކުރާ ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ ގައި މުދާ ރައްކާކުރުމާއި، ފްރީ ޒޯންއާ ގުޅުންހުރި އެކި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ވިޔަފާރިތަކަށް އެ ސަރަހައްދުން ޖާގަ ހޯދުމަށް ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އެމްޕީއެލް އިން ހުޅުވާލައިފިއެވެ.
އެމްޕީއެލްއިން މި ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 11 ޖޫން 2026 ގެ ނިޔަލަށެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ދެމެހެއްޓެނިވި ތަރައްޤީގެ މަގުތަކެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ފްރީ ޒޯން ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި ކަމާބެހޭ އެހެނިހެން މުޢައްސަސާތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެމްޕީއެލް އިން ވަނީ ފްރީ ޒޯންގެ ބިންތައް ކުއްޔަށް ދޫކުރާނެ ޓެރިފްތައްވެސް ހާމަކޮށްފައެވެ.
ދުވާލަކަށް: 1،000 އަކަ ފޫޓަށް 153.33 ރުފިޔާ (ޖީ.އެސް.ޓީ ނުލައި)
ދުވާލަކަށް: 1،000 އަކަ ފޫޓަށް 165.60 ރުފިޔާ (ޖީ.އެސް.ޓީ. އާއެކު)
މަހަކަށް: 1000 އަކަފޫޓަށް 4،600 ރުފިޔާ (298 ޔޫ.އެސް ޑޮލަރު)، ޖީ.އެސް.ޓީ ނުލައި
އީއޯއައި ހުށަހަޅާ މުއްދަތު ހަމަވުމުން، ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކަށް ތަފްސީލީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ ތެރޭގައި ކުރަން ބޭނުންވާ މަސައްކަތުގެ ތަފްސީލާއި، ބޭނުންވާ ބިމުގެ ބޮޑުމިނާއި، ލީސް އެއްބަސްވުމުގެ ތަފްސީލުތައް ހިމަނަންޖެހެއެވެ.
ބިންތައް ކަނޑައެޅޭނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށްފަހު، އެ ސަރަހައްދުގައި ކުރެވޭ ސިނާއީ މަސައްކަތްތަކާއި، މުދާ ތައްޔާރުކުރުމާއި ލޮޖިސްޓިކްސް ފަދަ ކަންކަމަށް ރިއާޔަތްކުރުމަށް ފަހުއެވެ.
ޝައުގުވެރިވާ ފަރާތްތަކުން bussiness@port.mv އަށް އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހެޅުމަށް އެމްޕީއެލް އިން ބުނެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއަކީ ވިޔަފާރީގެ މުހިންމު ހަބަކަށް ހެދުމެވެ. މިގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި، ރާއްޖޭގައި މިފަދަ މަސައްކަތްތަކަށް ޚާއްސަކުރާ ފުރަތަމަ ސަރަހައްދެއްގެ ގޮތުގައި އައްޑޫ ސިޓީ (ހުޅުދޫ އާއި މީދޫ ހިމެނޭހެން) ވަނީ ކަނޑައަޅާފައެވެ.




