މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ހަރަކާތްތެރިވާން ފަށައިފިއެވެ.
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަޙައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް ސަރަޙައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
އެމްއެންޑީއެފުން ބުނީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުމީ އިންޒާރު ނެރެފައެވެ. އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު މެންދުރު 2:00 އާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މި އަތޮޅުތަކުގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓުން ލަފާކޮށްފައިވެއެވެ.




