ވ. އަތޮޅަށް ފީނަން ދިޔަ އިޓަލީ ވިލާތުގެ ޑައިވަރުންތަކަކަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ހާދިސާ ހިނގި ސަރަހައްދަށް ޒިޔާރަތްކުރައްވައި، ޑައިވަރުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގެ އަދާހަމަ އޮޅުންފިލުއްވައިފިއެވެ.
އެގޮތުން، ކަމާބެހޭ ފަރާތްތަކުން އެސަރަހައްދުގައި ގާއިމުވެތިބެގެން މީހުންހޯދައި ސަލާމަތްކުރުމަށް ފައްޓަވާފައިވާ މަސައްކަތުގެ ތަފްސީލީ މަޢުލޫމާތު އެ އިދާރާތަކުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ.
މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާބެހޭ ފަރާތްތަކާއި ފީނުމުގެ ދާއިރާގެ އެކިއެކި މަސްޢޫލުވެރިންނާ ގުޅިގެން ކުރިއަށްގެންދާ މި ބޮޑު މަސައްކަތުގައި އެފަރާތްތަކަށް ބޭނުންވާނެ އެންމެހައި ކަންކަން ހަމަޖައްސަވައިދެއްވުމަށްޓަކައި ސަރުކާރުގެ ފަރާތުން އެއްބާރުލުންދެއްވައި އެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަންދެއްވައި، މި މަސައްކަތުގައި އުޅުއްވާ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.
މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި،ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން، ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ބައިވެރިވެވަޑައިގެންނެވި އެވެ.
ވ. އަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު، އިޓަލީ ވިލާތަށް ނިސްބަތްވާ ފަސް ޑައިވަރުންގެ ތެރެއިން އެކަކު ނިޔާވެ، އިތުރު ހަތަރު ޑައިވަރުން ގެއްލުނު ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީ ވިލާތުގެ ރައީސް ސަރޖިއޯ މަޓަރެއްލާއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރައީސް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.




