މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށްދާ ދިވެހި ހައްޖުވެރިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި، އެ ބޭފުޅުން ތިއްބަވާ ހޮޓަލުގައި ހާއްސަ ކްލިނިކެއް ގާއިމުކޮށްފި އެވެ.
މި ކްލިނިކަކީ ހައްޖު ކޯޕަރޭޝަނާއި ސައުދީ އަރަބިއްޔާގެ ނޭޝަނަލް ހޮސްޕިޓަލް ގުޅިގެން ހިންގާ ތަނެކެވެ. މި ތަން ގާއިމުކޮށްފައިވަނީ ސައުދީ ސަރުކާރުން ކަނޑައަޅާފައިވާ ސިއްހީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
މިއީ ހައްޖާއި އުމްރާގެ އަޅުކަމަށް މައްކާއަށްދާ ދިވެހިންނަށް ސިއްހީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދީ، ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަސައްކަތެކެވެ.

ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ މެޑިކަލް ޓީމުގައި ހަތަރު ޑޮކްޓަރުންނާއި ފަސް ނަރުހުން ހިމެނެއެވެ. އަދި މި ކްލިނިކުން 24 ގަޑިއިރު ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، ހައްޖުވެރިޔަކު އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުން، ހައްޖުވެރިން ތިބޭ ހޮޓަލުގައި 24 ގަޑިއިރު އެމްބިއުލާންސްގެ ހިދުމަތްވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަމަށްދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ފުރާފައިވާއިރު، ދެވަނަ ގްރޫޕް ފުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އާދިއްތަ ދުވަހުއެވެ.
ހައްޖު ކޯޕަރޭޝަނުން އަންނަނީ ހައްޖުވެރިންގެ ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.



