މި މެއި މަހުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯ އިން ހާމަކުރި ގޮތުގައި މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 16,558,446ރ. (ސޯޅަ މިލިއަން ފަސްލައްކަ ފަންސާސް އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަ ރުފިޔާ) ވަނީ މަސް ދޯނިފަހަރަށް ދޫކޮށްފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހުގެ 13 ވަނަ ދުވަހު ކިރުވި މަހަށް އެކަނިވެސް މިއަދު ވަނީ 251,521ރ. ދޯނިފަހަރަށް ޖަމާކޮށްފައެވެ. މި ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވި ދޯނިފަހަރަށް ދޫކުރި 16,063,256ރ. އެވެ. މީގެ އިތުރުން 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް 468,850ރ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ދޯނިފަހަރަށް 26,340ރ. ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް އޮތް 250 މިލިއަނެއްހާ ރުފިޔާ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ދޫކޮށް ނިންމަވާފައެވެ. އަދި 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން، މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ. މި ބަދަލާއެކު މަސްވެރިން ބާނާ މަސް ކިރުވާ މިންވަރާއި މަސް ބޭރުކުރާ މިންވަރު އިތުރުވެ، ދާއިރާއަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.
މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ނިންމެވި މުހިއްމު ނިންމެވުންތަކުގެ ތެރޭގައި، މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކުރުމާއި، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ހެޔޮކުރުން ހިމެނެއެވެ.
މީގެ އިތުރުން، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ޖަނަވަރީ މަހުން ފެށިގެން މިފްކޯއިން ވަނީ ބޮޑުކަންނެލި ގަންނަން ފަށާފައެވެ. މިހާރު މިފްކޯއިން ބޮޑުކަންނެލި ގަންނަނީ ކިލޯއެއް 25 ރުފިޔާގެ ރޭޓުންނެވެ.



