މާލޭގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ރަސްމީކޮށް ހުޅުވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުވައްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން އެސްޓީއޯއިން ވަނީ ދެ ބްރޭންޑެއް އަލަށް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. އެގޮތުން ސުންމީ ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއަރޕާރސަން އާމިރު މަންސޫރުއެވެ. މީގެ އިތުރުން ފިލިޕްސް ބްރޭންޑުގެ އެއަރ ކޮންޑިޝަނަރ ވެސް ވަނީ މާކެޓަށް ނެރެފައެވެ. މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމް އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރުކޮށް، އަމިއްލަ ވިޔަފާރިތަކަށް ވެސް ފުރުޞަތު ލިބޭނެހެން ”ހައިޕަމާކެޓް“ ކޮންސެޕްޓަށް އެތަން ބަދަލުކޮށް އަލުން ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. މިހާރު ހުޅުވުނު ފުރަތަމަ ފަންގިފިލާއާއެކު، ތަފާތު އެކި ބްރޭންޑުތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ވަނީ އިތުރަށް ފުޅާވެފައެވެ.

މި ފަންގިފިލާގައި އެސްޓީއޯގެ އަމިއްލަ މުދަލުގެ އިތުރުން، އަމިއްލަ ބައެއް ވިޔަފާރިތަކުގެ އައުޓްލެޓްތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ޕީކަބޫ އަދި ޕްރޮކިއުރ ޕްލަސް ފަދަ މަޝްހޫރު ފިހާރަތައް ހިމެނޭކަން އެސްޓީއޯއިން ފާހަގަކުރެއެވެ.
އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް ހުޅުވައި، ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



