ހުޅުމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ހަރުދަނާކޮށް، އައު ފަރުވާތައް ތައާރަފުކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ދަށުން، މި މަހުގެ 26 ގެ ކުރިން ގިނަ ޚިދުމަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ސީއީއޯ ވަނީ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އަލަށް ތަޢާރަފުކުރާ ޚިދުމަތްތަކުގެ ތެރޭގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްޞަ އޯޕީޑީއާއި، ޔޫރޮލޮޖީ، އީއީޖީ އަދި ނާރުގެ ބަލިތަކަށް ޚާއްޞަ ކްލިނިކެއްހިމެނޭ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން، ލޮލުގެ ބައްޔެއްކަމަށްވާ ގްލޮކޯމާއަށް ފަރުވާދޭން ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން މިފަދަ ޚާއްޞަ ބަލިތަކަށް ފަރުވާ ހޯދުމަށް އައިޖީއެމްއެޗަށް ދާންޖެހުނު ނަމަވެސް، މި ބަދަލާއެކު އެ ފަސޭހަ ހުޅުމާލެއިން ލިބިގެންދާނެއެވެ.
ލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ”ގޯލްޑް ސްޓޭންޑަޑް“ ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކުރައްވަމުން ސީއީއޯ ވިދާޅުވީ، މީގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތަކުގެ ނަތީޖާ ކުރިއަށްވުރެ މާ އަވަހަށް ލިބޭނެ މަގު ފަހިވާނެ ކަމަށެވެ. މީގެ އިތުރުން، އެ ހޮސްޕިޓަލުން މިހާރުވެސް ދެމުންގެންދާ ކެންސަރު ބަލީގެ ފަރުވާ އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންއަންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއާ އެކަށޭނަ މިންވަރަށް ސިއްޙީ ޚިދުމަތް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ފަދައިން، ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ޙައްލުކޮށް ވަޞީލަތްތައް ވަނީ އިތުރުކުރެވިފައެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ހުޅުމާލެ ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެވިފައެވެ. އޭގެ ތެރޭގައި ޒަމާނީ ހަތަރު އޮޕަރޭޝަން ތިއޭޓަރު ހިމެނޭ ކޮމްޕްލެކްސްއަކާއި، 10 އެނދުގެ އައިސީޔޫއެއްގެ އިތުރުން، ކުޑަކުދިންނަށް ޚާއްޞަ 14 އެނދުގެ އެންއައިސީޔޫއެއް ހިމެނެއެވެ.
އަދި އީއާރުގެ އެނދު 7 އިން 14 އަށް އިތުރުކޮށް، ޑައިލިސިސް ޚިދުމަތްވެސް ވަނީ ކުރިއަށްވުރެ ފުޅާކޮށްފައެވެ.



