ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދިނުމަށް ތައިލެންޑް ސަރުކާރުން ނިންމައިފިއެވެ.
ފޮރިން މިިނިސްޓްރީން ބުނިގޮތުގައި މިގޮތަށް ނިންމާފައިވަނީ ތައިލެންޑުގެ ކެބިނެޓުން އެ ގައުމުގެ ވިސާ ޕޮލިސީ މުރާޖާކޮށް އާއްމުކުރި ނިންމުމުގައެވެ.
ތައިލެންޑުގެ ކެބިނެޓުން މި މަހުގެ 14 ވަނަ ދުވަހު ވިސާ ޕޮލިސީ މުރާޖާކުރުމަށްފަހު ނިންމާފައިވަނީ ވިސާއާ ނުލާ ދިވެހިންނަށް ދަތުރުކުރެވޭ މުއްދަތު 30 ދުވަހަށް އިތުރުކޮށްދިނުމަށެވެ. އައު ވިސާ ޕޮލިސީގެ ދަށުން ވިސާއާ ނުލައި 30 ދުވަހަށް ދަތުރުކުރެވޭ ގޮތަށް އަލަށް ހަމަޖެއްސި ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ، ކްރޮއޭޝިއާ، ބަލްގޭރިއާ، ސައިޕްރަސް، އަދި މޯލްޓާ ހިމެނެއެވެ.
މި ބަދަލަކީ މީގެ ކުރިން 19 މެއި 2026 ގައި ތައިލެންޑުގެ ކެބިނެޓުން 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލާ ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމި ނިންމުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ. މިކަމާ ގުޅިގެން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވަނީ ތައިލެންޑްގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓާ އޮފް ފޮރިން އެފެއާޒް ސިހާސަކް ފަންގްކެޓްކޯ އާއިއެކު މަޝްވަރާ ކުރައްވާފައެވެ. އެ މަޝްވަރާތަކަށްފަހު ދިވެހިންނަށް ވިސާއާ ނުލާ ތިބެވޭ މުއްދަތު އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ތައިލެންޑްގެ ވިސާއަށް ގެނައުމަށް ނިންމާފައިވާ މި ބަދަލުތަކަށް އަމަލުކުރަން ފަށާނީ، މި ނިންމުން ތައިލެންޑްގެ ރޯޔަލް ގެޒެޓްގައި ޝާއިއުކުރާތާ 15 ދުވަސް ފަހުންނެވެ.
އެހެންކަމުން، އެކަން ރަސްމީކޮށް އާއްމުކޮށް އިއުލާން ކުރެވެންދެން، ދިވެހިންނަށް އަދިވެސް 60 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ތައިލެންޑަށް ދަތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.




