ސްރީލަންކާގައި މިހާތަނަށް 76,000 އަށް ވުރެ ގިނަ މީހުންނަށް ޑެންގޫ ޖެހި، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ލަންކާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ޑެންގޫ ހުން ފެތުރުމުގެ ހާދިސާއެވެ.
މުޅި ގައުމުގައި ކުރިއަށްދާ މި އޮޕަރޭޝަނުގައި މަދިރި އާލާވާ ތަންތަން ދެނެގަތުމަށްޓަކައި ސިފައިން ދަނީ ޑްރޯން ބޭނުންކުރަމުންނެވެ. އަދި އާންމު އިމާރާތްތަކާއި، ގޭގޭގެ މަތީ ފަންގިފިލާތަކުގައިވާ ފަތާ ފެންގަނޑުތަކުގެ އިތުރުން ސުކޫލުތައް ފާސްކުރުމުގެ މަސައްކަތުގައިވެސް އަސްކަރިއްޔާއިން ދަނީ އެހީތެރިވަމުންނެވެ.
ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 53 މީހަކު މި ބަލީގައި މަރުވެފައިވާއިރު، ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި މި މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭގައިވެސް 18,000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.
މި ބަލީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ނިގަންބޯގެ ކޮންސަލްޓަންޓް ޑރ. ލަލިންދުރަ ދިއަސް ވިދާޅުވީ، ބަލިމީހުންގެ އަދަދު ހަލުވިކަމާއެކު އިތުރުވުމުގެ ސަބަބުން ހޮސްޕިޓަލްތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެ، ޑޮކްޓަރުންނަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
”އެހެންވީމަ އަހަރެމެންނަކަށް ނޭނގޭ މިކަންތައް ނިމޭނެ ދުވަހެއް. ފަހަރެއްގައި ޖުލައި ނިމޭ ހިސާބުގައިވެސް ވެދާނެ. އެއަށްވުރެ ދުވަސް ދިގުލައިގެންވެސް ގޮސްދާނެ،“ – ޑރ. ދިއަސް
ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ އެކްޓިން ޑިރެކްޓަރު ޖެނެރަލް ކަޕިލާ ކަންނަންގަރާ ވިދާޅުވީ، ސިއްހީ ހިދުމަތްތެރިން ދަނީ ކުރެވެން ހުރި އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި އެކަނިވެސް މަދިރި އާލާވާ 11,000 އަށްވުރެ ގިނަ ތަން ތަން ވަނީ ސާފުކޮށްފައެވެ.
މޫސުމީ ވިއްސާރަ އަލިވުމުން ބަލިޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށް އޮފިޝަލުން ލަފާކުރި ނަމަވެސް، އަހަރުގެ ފަހުކޮޅު އަނެއްކާވެސް ބަލިފެތުރުން އިތުރުވެދާނެ ކަމުގެ އިންޒާރު ސިއްހީ އިދާރާތަކުން ވަނީ ދީފައެވެ.




