ޗައިނާގެ ޝަންހާއީގައި ބޭއްވި ”އެއާ ކާގޯ ޗައިނާ 2026“ މައުރަޒުގައި މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިންބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ތަރުހީބާއި ކުރިއެރުންތައް ދައްކާލައިފިއެވެ.
އެމްއޭސީއެލް އިން ބުނީ، މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވިފައިވާ ކަަމަށެވެ.
މި ފެއަގެ ހަވާސާގައި ދުނިޔޭގެ އެކި އެއަލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާކޮށް މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު އެމްއޭސީއެލްއަށް ލިބިގެން ގޮސްފައިވެއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަ ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެކެވެ. މިއީ އެއަޕޯޓު އޮތް ޖިއޮގްރަފިކަލް މަގާމާއި، ފުޅާވަމުންދާ އެއަލައިން ނެޓްވޯކްގެ އިތުރުން ތައާރަފްކުރެވިފައިވާ މަލްޓިމޯޑަލް ކާގޯ ހިދުމަތްތަކުގެ ނަތީޖާއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު %5ގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ %15ގެ އިތުރުވުމެކެވެ.
ފްރައިޓަ އޮޕަރޭޝަންތަކަށް ވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. އެގޮތުން 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %174ގެ ބޮޑު ކުރިއެރުމެކެވެ. މީގެ އިތުރުން، 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަޕޯޓުގެ ތާރީހުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު، ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން ދެވަނަ ލިބެނީ ޗައިނާއަށެވެ. މި ލިސްޓުގެ އެއްވަނައިގައި ސްރީލަންކާ އޮތްއިރު، ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ. އެއީ ގާތްގަނޑަކަށް 1,618 ޓަނުގެ މުދަލެވެ.
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފޯރުކޮށްދޭ ”ސީ-ޓޫ-އެއަ“ ހިދުމަތަކީ މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. 2024 ވަނަ އަހަރު މި ހިދުމަތް ފެށި ފަހުން، 17 އެއަލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.
އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެއެވެ.
މި ކުރިއެރުންތަކާއެކު، ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.



