މިއަދު އެމްޑީޕީ ފެންނަނީ މަސްތުގެ ހާލަތުގައި ތިބެގެން ބަސްވިދާޅުވާ ޕާޓީއެއްގެ ގޮތުގައި ކަމަށާއި އެ ބޭފުޅުން ޒިންމާދާރުވާން ޖެހޭ ކަމަށް ބުނެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ތަކެތީގެ އަގުތަކާ ގުޅޭގޮތުން އެމްޑީޕީން ފަތުރާ ވާހަކަތައް ދޮގުކުރައްވައި ދެއްވި މެސެޖަށް ތާއީދު ކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކާއި މިއަދުގެ ހަގީގަތާ ދިމާނުވާ ކަމަށެވެ.
އަދި މިނިސްޓަރު ސައީދު އެ ކިޔައިދެއްވަނީ ގައުމުގެ މިއަދުގެ ހާލަތު ވަރަށް ތަފްސީލުކޮށް ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ”ގުލްޒާރުގާ ނަޔާމަގޭ“ ޒަމާން މިހާރު ނިމިއްޖެ ކަމަށާއި، މިއަދުގެ ޖީލަށް ދޮގާއި ތެދު ވަކިކުރަން އެނގޭ ކަމަށެވެ. ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ބާޒާރަށް ކުރާނެ އަސަރު މިއަދުގެ ކިޔަވާ ކުދިންނަށްވެސް އޮޅުންފިލާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު މިފަދަ ރައްދެއް ދެއްވާފައި މިވަނީ، ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ އެމްޑީޕީން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގުތަކެއް ކަމަށް މިނިސްޓަރު ސައީދު ވިދާޅުވުމާ ގުޅިގެންނެވެ.
ސައީދު ވަނީ ބާޒާރުގައި ތަކެތި ހުރި އަގުތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގެ އަގުތައް އަޅާކިޔައިދެއްވާފައެވެ.




