ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ މަގު ފެހިކުރުމަށްޓަކައި އިތުރު ރުއް އިންދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި، ބޮޑުތަކުރުފާނުމަގު ފެހިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީ ކޮށްފައިވާ ސަރަޙައްދުގައެވެ.
މި ސަރަހައްދުގައި އިތުރު ރުއް އިންދައި، މަގުގެ ރީތިކަން ދެމެހެއްޓުމަށް ޚާއްސަ އިސްކަމެއް ދެމުންދާކަމަށް އެ ކުންފުނިން ބުނެއެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، އެ މަގު ފެހިކުރުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އެ ޕްލޭނުގެ ދަށުން، އަލަށް ތަރައްޤީކުރި ޕާކިން ޒޯނުތަކުގައިވެސް ގަސް އިންދުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީ އިން ބުނީ، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މިހާތަނަށް 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.




