މިދިޔަ ހަފްތާގައި އިތުރު 13 މީހަކަށް ހިމަބިހި (މީސްލްސް) ޖެހި، އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 199 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
ރާއްޖެއިން ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ހިމަބިހި ޖެހިފައިވާ މީހަކު ފެނުނީ މިދިޔަ މަހުގެ ކުރީކޮޅުގަ އެވެ.
އެއާއެކު، ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ފަށާފައިވާއިރު، މިހާތަނަށް 12،971 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.
އެޗްޕީއޭ އިން ވަނީ ހިމަބިހީގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން، ވެކްސިންދޭ މަރުކަޒަކަށް ގޮސްގެން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެއްޖެ ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ދިޔުމުން ކޮންޓެކްޓުންނަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ވަކި ވަގުތުތަކެއްގައި ވެކްސިން ޖެހުމުގެ ހިދުމަތްދޭނެއެވެ.
ހިމަ ބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ ”މީސްލްސް ވައިރަސް“ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ ”މޯބިލިވައިރަސް“ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެއެވެ.
ބަލިޖެހިފައިވާ މީހާގެ ފުށުން އެހެން މީހުންގެ ގަޔަށް ބަލި ފަތުރަނީ ބައްޔާއި ގުޅިގެން ގައިގައި ނަގާ ބިހިތައް ފެނުމުގެ 5-4 ދުވަސް ކުރިންނާއި، އަދި ބިހިތައް ފެނުމަށްފަހު 5 -4 ދުވަސް ހަމަވުމާއި ދެމެދުގައި އޮންނަ މުއްދަތުގެ ތެރޭގަ އެވެ. ހިމަބިހި ޖެހިފައި ތިބޭ މީހުންނާއި، އެކުއުޅޭ 90 އިންސައްތަ މީހުންނަށް ހިމަބިހި ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ބުނެއެވެ.
ބަލިޖެހިފައިވާ މީހާ ކެއްސައި، ކިނބިހި އެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެ، ނޭވާލުމުގެ ޒަރިއްޔާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް ވައިރަސް ވާސިލުވެ، އެމީހަކަށް ބަލި ޖައްސުވައެވެ.




