ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ ޕްލޭންތައް އެކުލަވާލުމާ ގުޅޭގޮތުން އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާއެކު ސަރުކާރުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، އަބޫދާބީ ފަންޑުގެ ވަފުދަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ވަޒީރު މުޙައްމަދު އަމީން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މައުލޫމާތުގައި ވިދާޅުވީ، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ މާފަރު އެއަރޕޯޓު ތަރައްޤީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާއި އެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.

2019 ވަނަ އަހަރު ހުޅުވި މި އެއަރޕޯޓަކީ އަބޫދާބީ ފަންޑުގެ ދީލަތި އެހީތެރިކަމާއެކު ބިނާކޮށްފައިވާ ތަނެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެއަރޕޯޓުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން އެއަރޕޯޓު ތަރައްޤީ ކުރުމަށް ޚާއްސަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ވައިޑް ބޮޑީ ބޯޓުތަކަށް ޖެއްސޭނެ ފެންވަރަށް އެއަރޕޯޓުގެ ރަންވޭ މިހާރު ވަނީ 2850 މީޓަރަށް ފުޅާކޮށްފައެވެ. މީގެ އިތުރުން، ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށްދާ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން 6،238 އަކަފޫޓުގެ އާ އިމާރާތެއް ބިނާކުރެވޭނެއެވެ. މި މަޝްރޫއު ނިމުމުން ޓާމިނަލްގެ ޖާގަ 12،476 އަކަފޫޓަށް އިތުރުވެ، މުޅި ޕެސެންޖަރު ޓާމިނަލްގެ ޖާގަ ދެގުނަ ބޮޑުވެގެންދާނެއެވެ. މިހާރު ޓާމިނަލް ތަރައްޤީ ކުރުމުގެ 20 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
އައިލޭންޑް އޭވިއޭޝަން ސަރވިސަސްއިން ހިންގާ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އަތޮޅުތަކުގެ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ ގިނައިން ދަތުރުތައް ބާއްވާ އެއަރޕޯޓެވެ. ޚާއްސަކޮށް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ދުވާލެއްގެ މައްޗަށް 20 އާއި 25 އާ ދެމެދުގެ އަދަދަކަށް ދަތުރުތައް އޮވެއެވެ.
ނ. އަތޮޅަކީ ގިނަ އަދަދެއްގެ ލަގްޒަރީ ރިސޯޓުތައް ހުންނަ އަތޮޅަކަށް ވުމުން، މި އެއަރޕޯޓަށް ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައްވެސް ޖައްސައެވެ



