ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހު 57.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
އެ އެޖެންސީން ވަނީ މިއަހަރުގެ އޭޕްރިލް، މެއި އަދި ޖޫން މަހުގެ ތަފްސީލީ މައުލޫމާތުތައް ހިއްސާކޮށްފައެވެ.
އެންސްޕާގެ ދަފްތަރުގައިވާ ގޮތުން، ޖޫން މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ 15,652 މީހުން ރަޖިސްޓްރީވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 9,046 ފިރިހެނުންނާއި 6,606 އަންހެނުންނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުންދާއިރު، އޭޕްރިލް މަހު 15,403 މީހުން އަދި މެއި މަހު 15,425 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
ތެރަޕިއުޓިކް ފަރުވާގެ ޚަރަދުތަކަށް ބަލާއިރު، ޖޫން މަހު 7 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ފަރުވާތަކަށް މެއި މަހު 12.7 މިލިޔަން ރުފިޔާ ޚަރަދު ކުރިއިރު، އޭޕްރިލް މަހު ޚަރަދު ކޮށްފައިވަނީ 7 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން، އާއިލީ އެހީތެރިކަމެއްނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީގެ ދަށުން، ޖޫން މަހު 98 ބެލެނިވެރިންނަށާއި 132 ކުދިންނަށް 181,000 ރުފިޔާ ދޫކޮށްފައިވެއެވެ.
ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދޭ އެހީގެ ދަށުން، ޖޫން މަހު 659 ފަރާތަކަށް 26,360 ރުފިޔާ ދީފައިވެއެވެ. މިއީ އޭޕްރީލް އަދި މެއި މަހު 706 ފަރާތަކަށް ދޫކުރި 26,040 ރުފިޔާއާ އަޅާބަލާއިރު ކުޑަ އިތުރުވުމެކެވެ.
ފަޤީރު ހާލަތުގައި ދަރިން ބަލަހައްޓަމުންދާ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީތެރިކަން ލިބޭ ފަރާތްތަކުގެ އަދަދުވެސް ވަނީ ފާއިތުވި ތިން މަސް ދުވަހު އިތުރުވެފައެވެ. ޖޫން މަހު އެކަނިވެސް އަލަށް 115 ބެލެނިވެރިންނާއި 218 ކުޑަކުދިން ރަޖިސްޓްރީ ކޮށްފައިވެއެވެ. އެ މަހު ޖުމްލަ 3,240 ބެލެނިވެރިންނަށާއި، 5,551 ކުޑަކުދިންނަށް އެހީގެ ގޮތުގައި 16.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
ޖުމްލަ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީއަށް ކުރާ ހޭދަ ވަނީ އޭޕްރިލް މަހު ހުރި 55 މިލިޔަނުން ޖޫން މަހު 57 މިލިޔަނަށް އުފުލިފައެވެ.



