މި އަހަރުގެ މިހާތަނަށް އިޓަލީއިން ރާއްޖެއަށް 80،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި ކުރިއެރުމާއެކު އިޓަލީވިލާތް މިހާރު ހިމެނެނީ ރާއްޖެއަށް ހަތަރުވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުގެ ގޮތުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީވިލާތުން ރާއްޖެއަށް 80,867 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 6.5 އިންސައްތައެވެ.
އިޓަލީއަކީ އާންމުގޮތެއްގައި ރާއްޖެއަށް އެންމެ ގިނައިން ޒިޔާރާތްކުރާ ފަތުރުވެރިންގެ ލިސްޓުގައި އަބަދުވެސް ހިމެނޭ މުހިންމު ޤައުމެކެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ޤައުމަކީ ރާއްޖެއަށް ފަސްވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އެ ޤައުމުން ޖުމްލަ 153,258 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އަދި 99،000 އަށް ވުރެ ގިނަ ފަތުރުވެރިންނާއެކު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.
ޖުމްލަ ގޮތެއްގައި ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1.2 މިލިޔަން ފަތުރުވެރިންވަނީ ޒިޔާރާތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުޑަ ދަށްވުމެއް ނަމަވެސް، 2024 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ އިތުރުވުމެއްކަން ފާހަގަކުރެވެއެވެ.


