މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ފަހަރުގެ ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެމްއެމްއޭއިން ވިދާޅުވީ، މި އިންޓާންޝިޕް ޕްރޮގްރާމަކީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމް 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެއެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށް ބަލައި އުޖޫރަ ވަނީ ކަނޑައަޅާފައެވެ. އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ، ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް 9،000 ރުފިޔާ އަދި މާސްޓާސް ހަދާފައިވާނަމަ 10،000 ރުފިޔާގެ އުޖޫރައެއް ލިބޭނެއެވެ. މި ޕްރޮގްރާމުގެ ދަށުން އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ، މިމަހުގެ 13 ވަނަ ދުވަހެވެ. ޝައުގުވެރިވާ ފަރާތްތަކުން ސަރުކާރުގެ ކެރިއަރ ޕޯޓަލް (careers.gov.mv) މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ވަނަވަރު (ސީވީ) އާއި ތަޢުލީމީ ސެޓުފިކެޓުތައް ހިމެނެއެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވާނެއެވެ.
ޕްރޮގްރާމަށް ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ޤާބިލުކަމަށް ބަލާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތު ދެއްވައެވެ.



