އއ. އުކުޅަހުގައި މި ސަރުކާރުން ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.
މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އުކުޅަހުގައި ޤާއިމްކުރި މި ވޮލީ ކޯޓަކީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފެށި މަޝްރޫޢެކެވެ. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 1,359,163.58 ރުފިޔާ އެވެ.
މި ކޯޓަކީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ކޯޓެކެވެ. އެގޮތުން ރޭގަނޑުވެސް ކުޅިވަރު ކުޅެވޭނެހެން ފުރިހަމަ ލައިޓް ސިސްޓަމެއް މި ކޯޓުގައި ވަނީ ހަރުކޮށްފައެވެ.
ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، އެ ކޯޓުގައި އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ.



