އއ. އުކުޅަހުގައި އަލަށް ގާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ ރަސްމީކޮށް މިއަދު އަޅައިފިއެވެ.
މި މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދު އަދި އުކުޅަހު ކައުންސިލްގެ ރައީސް އަލީ ވަހީދު އެވެ.

މި މަޝްރޫއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއާއި އެމްއޭސީއެލްއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
އެމްއޭސީއެލް އިން މައުލޫމާތުދޭ ގޮތުގައި، އުކުޅަހުގައި ހަދާ މި ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތު ކުރުމަށް ހާއްސަ ކޮޓަރިއަކާއި، ބޯޑް ގޭމްތަކާއި އެކި ކުޅިވަރުތައް ކުޅެވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ ކޮޓަރިއެއް ހިމެނޭނެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2026 ވަނަ އަހަރުގެ ނިޔަލަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.



