ތ. ވިލުފުށި އަދި މ. ކޮޅުފުށީގައި އަލަށް ބިނާކޮށްފައިވާ ހައުސިންގ ޔުނިޓްތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނިގޮތުގައި، މި މަޝްރޫއުގެ ދަށުން، މި ދެ ރަށުގައި އަލަށް އާބާދުވެފައިވާ ސަރަހައްދުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، ވިލުފުށީގެ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާ ގުޅައިދިނުމުގެ މަސައްކަތުގެ 47 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.
ހަމައެއާއެކު، ކޮޅުފުށީގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ 46 އިންސައްތަ މަސައްކަތްވެސް ފުރިހަމަކުރެވިފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
މިދިޔަ އަހަރު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ތަކުގެ ދަށުން، މިހާރު ވިލުފުށީގައި ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތްކުރިއަށް ދާއިރު، ކޮޅުފުށީގައި ކުރަމުންދަނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށްޓަކައި ހޮޅިވަޅުލުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ބުނިގޮތުގައި، މި މަސައްކަތްތައް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލައި، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުމަށް މި ކުންފުނިން އަންނަނީ ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ދެމެހެއްޓެނިވި އަދި ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކަކަށް ހެދުމަށްޓަކައި، ރައްޔިތުންގެ ބައިވެރިވުމާއެކު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފެނަކައިން ފާހަގަކުރިއެވެ.



