މއ. ކުދިމަގޫގެ ރަހުނުކޮށް ނެގި ލޯނަކަށް ފައިސާ ނުދެއްކުމުގެ ސަބަބުން، އެ ގެ ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަނެއްކާވެސް ހުޅުވާލައިފިއެވެ.
މި ގެ ވިއްކާލުމަށް ކޯޓުން ހުއްދަ ދިނުމާ ގުޅިގެން މީގެ ކުރިންވެސް އެމްއައިބީން ވަނީ ނީލަމަށް ހުޅުވާލާފައެވެ.
މާލޭގައި ބިމުގެ ޑިމާންޑް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، 830 އަކަފޫޓުގެ މި ބިން ވިއްކާލުމަށް މިފަހަރު ހުޅުވާލާފައިވަނީ 11.6 މިލިއަން ރުފިޔާއަށެވެ. އެމްއައިބީގެ އިއުލާނުގައިވާ ގޮތުން ނީލަން ފެށޭ އަގަކީ 11,650,000 (އެގާރަ މިލިއަން ހަލައްކަ ފަންސާސް ހާސް) ރުފިޔާއެވެ.
ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. ބޭންކުން ބުނީ މުއްދަތު ހަމަވާ ވަގުތު ހާޒިރުވެ ތިބި ފަރާތްތަކުގެ ކުރިމަތީގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އިއުލާން ކުރާނެ ކަމަށެވެ. ނީލަމުގައި ކުރިން ހުށަހެޅި އަގަށްވުރެ އިތުރުކުރެވޭނީ މަދުވެގެން ފަސް ލައްކަ ރުފިޔާއެވެ.
މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއައިބީގެ ނަންބަރު 3011138 އާ ގުޅުމަށް ނުވަތަ auction@mib.com.mv އީމެއިލް މެދުވެރިކޮށް މުއާމަލާތްކުރުމަށް އެ ބޭންކުން އިރުޝާދުދީފައިވެއެވެ.




