ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީގެ ކުރިއަށް އޮތް އާ ފިލްމު “އާވާރާޕަން 2” ގެ ޓްރެއިލާ ރަސްމީކޮށް ދައްކާލައިފިއެވެ.
މި ފިލްމަކީ 2007 ވަނަ އަހަރު އިމްރާން ހާޝިމީ އާއި ބަތަލާ ޝްރިޔާ ސަރަންއާ އެކު ޑައިރެކްޓަރު މޯހިތު ސޫރީ ގެނެސްދިން ކާމިޔާބު ކްރައިމް ޑްރާމާ ’އާވާރާޕަން‘ ގެ ސީކްއެލްއެކެވެ.
ކުރީގެ ފިލްމު މޯހިތު ސޫރީ ޑައިރެކްޓް ކުރި ނަމަވެސް، މި ފަހަރުގެ ސީކްއެލްގެ ޑައިރެކްޓަރަކީ ނިތިން ކައްކަރް އެވެ. މި ފިލްމުގައި އިމްރާނާއެކު ބަތަލާގެ ރޯލުން ފެނިގެންދާނީ ޑިޝާ ޕަޓާނީ އެވެ. މިއީ މި ދެ ތަރިން އެކުގައި ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފަހަރު ކަމަށްވާތީ، ގިނަ ބަޔަކު އަންނަނީ މި ޖޯޑަށް އިންތިޒާރު ކުރަމުންނެވެ.
މި ފިލްމުގެ ހާއްސަ އެއް ކަމަކީ މަޝްހޫރު ބަތަލާ ޝަބާނާ އާޒްމީ ނެގަޓިވް ރޯލަކުން ފެނިގެންދިއުމެވެ. މިއީ އޭނާ މިފަދަ ރޯލަކުން ފެންނާނެ ފުރަތަމަ ފަހަރެވެ. ފާހަގަކޮށްލެވޭ ގޮތުގައި ’އާވާރާޕަން 2‘ ރިލީޒްކުރާ ދުވަހު ޝަބާނާގެ އެހެން ފިލްމެއް ކަމަށްވާ ސަނީ ޑިއޯލްގެ ’ބަޓްވާރާ 1947‘ ވެސް ސިނަމާތަކަށް އަންނާނެއެވެ.
ވިޝޭޝް ފިލްމްސް އިން އުފައްދާ މި ފިލްމު ސިނަމާތަކަށް ގެނައުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.




