ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަޔާއި ކަނޑުމަގުން ބޮޑު ސަރަޙައްދެއް ބަލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެއެވެ.
”ފްރެންޓް-4″ ނަމަކަށް ކިޔާ މި ދޯނި އަޑިއަށްގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
މި ޙާދިސާގައި ގެއްލިގެން ހޯދަމުންދަނީ އުމުރުން 33 އަހަރުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު އާއި، އެމްއެންޑީއެފްގެ އުމުރުން 39 އަހަރުގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ. މި ތިން މީހުން ގެއްލިފައިވަނީ މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، ގެއްލުނު މީހުން ހޯދުމަށް އިއްޔެ ކުރި މަސައްކަތުގައި މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ. މީގެ އިތުރުން ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި ސީއެމްބިއުލޭންސްތަކުގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ވަނީ ބަލާފައެވެ.
ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ސަޕްލައި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ 22:40 އެހައިކަންހާއިރުއެވެ.
މި ހާދިސާ ހިނގިއިރު ދޯނީގައި 8 މީހުން ތިބިއިރު އޭގެތެރެއިން 7 މީހުން ވަނީ ސަލާމަތްކޮށްފައެވެ.




