ގދ. ގައްދޫގައި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނެފައިވަނީ، އެ އިދާރާއިން ފޯރުކޮށްދޭ ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ގައްދޫގައި މި ހިދުމަތް ތައާރަފުކުރުމާއެކު، މިހާރު ގދ. އަތޮޅުގެ ދެ ރަށަކުން މި ހިދުމަތް ލިބޭނެ ކަމަށެވެ.
މީގެ ކުރިން އެ އަތޮޅުން ޕާސްޕޯޓުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ތިނަދޫ ސިޓީގައެވެ.
މި ބަދަލާއެކު، ”އިމުގާ” ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، ޕާސްޕޯޓާ ހަވާލުވާން ބޭނުންވާ މަރުކަޒެއްގެ ގޮތުގައި ތިނަދޫ ނުވަތަ ގައްދޫ އިހުތިޔާރު ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އައިޑީ ކާޑު ހެދުމާއި ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް މާލެއިން ބޭރުން ލިބެނީ ވަރަށް މަދު ރަށަކުންނެވެ. ނަމަވެސް، މި ހިދުމަތްތައް ލާމަރުކަޒުކުރެއްވުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާ ގުޅިގެން، ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގެ ހުރިހާ އަތޮޅަކުން މި ހިދުމަތްތައް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ އަމާޒަކީ މީގެ ކުރިން މާލެއަށް ބަރޯސާވެފައި އޮތް ގިނަ ހިދުމަތްތަކެއް ލާމަރުކަޒުކޮށް، ކޮންމެ ރައްޔިތަކުވެސް ދިރިއުޅޭ ތަނާ ކައިރިން ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ.
މިގޮތުން ރަށްރަށުގައި އޭޓީއެމް ގާއިމުކުރުމާއި، ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ބާރުދުވެލީގައި ދަނީ ކުރިއަށެވެ.



