އިދިކޮޅު އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ މާލޭގެ މައި މަގު ކަމަށްވާ މަޖީދީ މަގުގައި ބޭއްވުމުގެ ހުއްދައަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.
ތަކެތީގެ އަގު އުފުލެމުންދާ ކަމަށް ބުނެ ”ދަތިވެއްޖެ” ގެ ނަމުގައި ބާއްވާ މި މުޒާހަރާއާ ގުޅޭގޮތުން އެމްޑީޕީގެ އިސް ބޭފުޅުން މިއަދު ވަނީ ފުލުހުންނާ ބައްދަލުކުރައްވާފައެވެ.
ފުލުހުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، މަޖީދީ މަގު ފިޔަވައި އިތުރު މަގެއްގައި މުޒާހަރާ ކުރުމުގެ ވިސްނުމެއް އެ ޕާޓީގައި ނެތް ކަމަށެވެ. އަދި މުޒާހަރާ ކުރިއަށް ގެންދާނެ ރޫޓު މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ވާހަކައަކީ އިތުރު އެހެން މަގެއް ނެތޭ. އަޅުގަނޑުމެން ހަމަ ދާނީ މަޖީދީ މަގުންނޭ. އެއީ ގާނޫނުން އަޅުގަނޑުމެންނަށް ދީފައިވާ ހުއްދައިގެ ދަށުން އިންތިޒާމު ކުރެވޭނެ ކަމަށް ގަބޫލު ކުރެވޭތީ. ސުލްހަވެރިކަމާއެކީގައި ޝުއޫރު ފާޅު ކުރުން އޮންނާނީ،“އަމީން ފައިސަލް ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މާލޭގައި ހުއްދަ ނުހޯދައި އެއްވެވޭނީ ކާނިވާ ސަރަހައްދާއި، އުސްފަސްގަނޑާއި، ރަސްފަންނު އަދި އިންޑަސްޓްރިއަލް ޒޯނަށް އެކަންޏެވެ. އެހެން ސަރަހައްދުތަކުގައި އެއްވުންތައް ބާއްވާނަމަ ފުލުހުންގެ ލިޔުމުން ލިބޭ ހުއްދައެއް އޮންނަން ޖެހެއެވެ. އެމްޑީޕީން ބުނާ ގޮތުގައި މަޖީދީ މަގު އިޚްތިޔާރު ކުރީ ވީހާވެސް ގިނަ ބަޔަކަށް އެ ޕާޓީގެ އަޑު އިއްވުމުގެ ބޭނުމުގައެވެ.
މި މުޒާހަރާއާ ގުޅިގެން ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ތަކެތީގެ އަގު ބޮޑުވެއްޖެ ކަމަށް ބުނެ އެމްޑީޕީން ފަތުރަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރާއްޖޭގައި ތެލާއި ކާބޯތަކެތީގެ އަގުތައް ހުރީ ހަމަޖެހޭ މިންވަރެއްގައި ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރަނީ އާންމުންގެ މެދުގައި ހަމަނުޖެހުން އުފައްދަން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަޖީދީ މަގުގައި މުޒާހަރާ ކުރުމަށް އެމްޑީޕީން ހުށަހެޅި ހުށަހެޅުމަށް ފުލުހުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް އެކަމާ މެދު ގޮތެއް ނިންމައި ޖަވާބެއް ދޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.



