ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީ ސްވައިން ފްލޫ (އެޗް1އެން1) އަށް ޕޮޒިޓިވްވެއްޖެއެވެ.
އޭނާ މި ބަލީގައި ފާއިތުވި ދުވަސްތަކުގައި ވަރަށް ބޮޑަށް ބަލިވެ އުޅުމަށްފަހު މިހާރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ވަނީ ހާމަކޮށްފައެވެ.
އިމްރާންގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން، ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސަޕޯޓަރުންނާ ބައްދަލުކުރުމުގެ ބޮޑު އިވެންޓެއް ވެސް ވަނީ ފަސްކޮށްފައެވެ. ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ، ވަރަށް ބޮޑަށް ބަލިވެފައިވާތީ އެ އިވެންޓަށް ނުދެވުނީ ކަމަށެވެ.
މި ދުވަސްވަރަކީ އިމްރާންގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ ”އަވާރާޕަން 2“ އަށް އާންމުންގެ ބޮޑު ތަރުހީބަކާއި ކާމިޔާބީއެއް ލިބެމުންދާ ދަނޑިވަޅެކެވެ. ނަމަވެސް ބަލި ހާލަތުގެ ސަބަބުން މި ފިލްމުގެ ކާމިޔާބީ ފާހަގަކުރުމުގެ ހަރަކާތްތަކާ ވެސް އޭނާއަށް ވަނީ ވަގުތީ ގޮތުން ދުރަށް ޖެހިލަން ޖެހިފައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ދިން މެސެޖުގައި އިމްރާން ބުނީ، އޭނާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ބެންގަލޫރުގައި އޭނާއަށް އިންތިޒާރުކުރި ހުރިހާ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އެ މީހުންނާ ބައްދަލުވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.



