އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބު އެއްވެސް ޕާޓީއަކަށް ސާފު އަޣުލަބިއްޔަތެއް ނުލިބި ނިމިފައިވަނިކޮށް، އަރަބި ޕާޓީތަކުން ވޯޓު ”ވަގަށް ނަގާފައިވާ“ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ވަގުތުން ތަހުގީގުކުރުމަށް އެ ގައުމުގެ ޔަހޫދީ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އޭނާގެ ލިކޫޑް ޕާޓީން ރޭގައި ގޮވާލައިފިއެވެ.
އާ ސަރުކާރެއް އެކުލަވާލުމުގެ މުގޫ އަރަބި ޕާޓީތަކުގެ އަތްމައްޗަށް ހިނގައިދާނެ ކަމަށް ބެލެވުމާ އެކު، ނަތަންޔާހޫ ވަނީ މި މައްސަލަ ހަރުކަށިކޮށް ބެލުމަށް އެދިވަޑައިގެންފައެވެ.
އިންތިޚާބުގެ 85 އިންސައްތައަށްވުރެ ގިނަ ވޯޓު ގުނާ ނިމުނުއިރު، ޕާލަމެންޓުގެ 120 ގޮނޑީގެ ތެރެއިން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތު އެއްވެސް ފަރާތަކަށް ލިބޭ ގޮތެއް ނުވިއެވެ. ނަތަންޔާހޫގެ ކަނާތުފިޔައިގެ ކޯލިޝަނަށް 53 ގޮނޑި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، އަސްކަރިއްޔާގެ ކުރީގެ ވެރިޔާ ގާދީ އައިސެންކޮޓް އިސްކޮށް ހުންނެވި އިދިކޮޅު ކޯލިޝަނަށް ލިބެނީ 48 ގޮނޑިއެވެ. މި އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޖުމްލަ 19 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވޭ އަރަބި ދެ އިއްތިހާދު ކަމަށްވާ ޖޮއިންޓް ލިސްޓާއި ރައާމް ޕާޓީންނެވެ.
ނަތަންޔާހޫގެ ލިކޫޑް ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވަނީ، ޓެރަރިޒަމަށާއި ޔަހޫދީ ދައުލަތް ނައްތާލުމަށް ތާއީދުކުރާ އަރަބި ޕާޓީތަކުން ވަނީ އިންތިޚާބު ވަގަށް ނަގާފައެވެ. އަދި ވޯޓުލާން ނިކުންނަ މީހުންގެ ނިސްބަތް މަތިކުރުމަށްޓަކައި ކޮރަޕްޝަނާއި، ރިޝްވަތާއި، ބިރުދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ އިތުރުން މަނާ ސޮފްޓްވެއާތައް ބޭނުންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ފައިސާ އަޅާފައި ހުރި އެތައް ހާސް ސިޓީއުރައަކާއި، ރައާމް ޕާޓީގެ ވޯޓު ކަރުދާސްތަކެއް ފެނިފައިވާ ކަމަށާއި، ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންނަށް ބިރުދައްކާ އަނިޔާކޮށްފައިވާ ކަމުގެ ހެކި ފުލުހުންނަށާއި، ޝިން ބެޓް އަދި ސެންޓްރަލް އިލެކްޝަންސް ކޮމިޓީއަށް ހުށަހަޅަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.
ނަތަންޔާހޫގެ މި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޓީގެ އެކްޓިން ޑިރެކްޓަ ޖެނެރަލް ޑީން ލިވްނޭ ވިދާޅުވީ، އެއީ އާދަޔާ ހިލާފު ހާދިސާއެއް ކަމަށާއި، ވޯޓު ގަންނަން އުޅުނު ބަޔަކު ފުލުހުން އަތުލައިގަތް ނަމަވެސް އެއީ ވަކި ހިސާބެއްގައި ހިނގި ވަކި ހާދިސާއެއް ކަމަށެވެ. އަދި ރައާމް ޕާޓީއަށް ވޯޓު ގަންނަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށް، 24،000 އަށްވުރެ ގިނަ ޝެކޭލް ފުލުހުން ހޯދާފައިވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.
ނަމަވެސް ރައާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވަނީ ނަތަންޔާހޫ ހައްދަވަނީ ދޮގު ކަމަށް ވިދާޅުވެ، ކަނާތުފިޔައިގެ މީހުން ރުއްސުމަށްޓަކައި އެ ޕާޓީއާ ދެކޮޅަށް ރައްޔިތުން ނެރެން މަސައްކަތްކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އަރަބި ޖޮއިންޓް ލިސްޓުގެ ވެރިޔާ ޔޫސުފް ޖަބާރީން ވިދާޅުވީ، އިސްރާއީލުގެ ރައްޔިތުން ވޯޓު ދިނީ އާ ލީޑަޝިޕަކަށް ކަމަށާއި، ނަތަންޔާހޫގެ ވެރިކަމަށް ހަގީގީ ބަދަލެއް ގެންނަން ބޭނުންވާ ކޮންމެ ބަޔަކުވެސް އަރަބި ޕާޓީތަކާ ވާހަކަދައްކަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މިއީ ނަސްލީ ތަފާތުކުރުންތައް ކުރިއަށްގެންދިއުމާއި ހަގީގީ ޔަހޫދީ-އަރަބި ބައިވެރިވުމަކާ ދެމެދު ނިންމަންޖެހޭ ނިންމުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރެއް އެކުލަވައިނުލެވި އަނެއްކާވެސް އާ އިންތިޚާބަކަށް ދާންޖެހިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިސްރާއީލުގެ ރައީސް އިސާކް ހަރޒޮގް ވަނީ އިތުރު އިންތިޚާބަކަށް ދިއުން ހުއްޓުވުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ. ނަމަވެސް އިދިކޮޅު ލީޑަރު އައިސެންކޮޓް ވަނީ ނަތަންޔާހޫއާއެކު ސަރުކާރު އެކުލަވާލުމަށް ދެކޮޅު ހައްދަވާފައެވެ. އަދި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމުގެ ވާހަކަތައް ދެކެވެމުންދާ މި ދަނޑިވަޅުގައި، ގައުމުގެ ސަލާމަތީ ކަންކަން ސިޔާސީ ބޭނުމަށް ނުނަހަމަ ގޮތުގައި ބޭނުންނުކުރުމަށް އައިސެންކޮޓް ވަނީ ނަތަންޔާހޫއަށް އިންޒާރު ދެއްވާފައެވެ. އައިސެންކޮޓްގެ ޕާޓީން ބުނީ ބޮޑުވަޒީރު މަސައްކަތްކުރައްވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމަށް ބިންގާ އެޅުމަށް ކަމަށެވެ.



